އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 10 މީހަކު ހައްޔަރުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނާއި މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން، "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

މި އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި އިތުރު މީހެއް ކަމަށްވާ ސ. ހިތަދޫ، ގުލްކަނދުގޭ، ހަސަން ނަޒީފް، 36، އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އައްޑޫގެ އެންމެ އާބާދީ ބޮޑު އަދި މަސްތުވާތަކެތީގެ މައްސަލަ ބޮޑު ހިތަދުއަށެވެ.

ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ ހިތަދޫގެ "މައިލޯ" ގްރޫޕަށް ނިސްބަތްވާ އަލީ ނަދީމް، ހާފިޒު ފައުޒީ، އިބްރާހިމް ސިރާޖު، ހަސަން އަލްފާފް، އަދި އަމީން މުހައްމަދު އެވެ. މި މީހުންގެ ތެރެއިން ނަދީމާއި ހާފިޒު އަދި ސިރާޖު 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ، މި ނެޓްވޯކްގެ މީހުންނަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މާޗު މަހުން ފެށިގެން ކުރިއަށްދާ ކަމަށާއި، 2017 ވަނަ އަހަރުން ފެށިގެން މި ނެޓްވޯކް މަސައްކަތްކުރާ ކަން ހޯދިފައިވާ ކަމަށެވެ. އަދި މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި ފާއިތުވި ފަސް އަހަރު ތެރޭ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.