މަސްތުވާތަކެތި ޓްރެފިކްކުރި ޒުވާނަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ޒުވާނަކު 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ށ. މާއުނގޫދޫ، ފެހިވިލާގެ، މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.

މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިއްޔެ ގައެވެ. އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އުމުރު ދުވަހަށް ޖަލަށް (25 އަހަރު ދުވަހަށް) ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަަށެވެ.

ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހަޅާފައިވަނީ 24 ނޮވެމްބަރު 2020 ގަ އެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 6 ޖަނަވަރީ 2021 ގަ އެވެ. ޝަރީއަތް ނިންމާލާފައިވަނީ މައްސަލަ ހުށަހެޅިތާ 6 އަހަރު ފަހުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރުކަށި ހުކުމްތަކެއް ދަނީ އިއްވަމުންނެވެ. އެގޮތުން، އިއްޔެ ވެސް ވަނީ އުމުރުން 59 އަހަރުގެ މީހަކު ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެއީ ސ. މީދޫ/ދަފްތަރު ނަމްބަރު 07، އަބްދުލްވައްހާބު އަހުމަދުގެ މައްޗަށެވެ.

މީގެ އިތުރުން، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވެސް މިދިޔަ މަހު ވަނީ އެފަދަ މައްސަލައެއްގައި އަންހެނަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެ ހުކުމް އިއްވީ ހަނިމާދޫ އެއާޕޯޓަށް ދިޔައިރު އޭނާ އަޅައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ކުރި ދައުވާ ސާބިތުވެގެންނެވެ.