ސީޕީ ނަވީނާއި ހަ އޮފިސަރުން ސަސްޕެންޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އާއިޝަތު އަނާ ރަޝީދު
 
4 ދުވަސް ކުރިން

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު (ސީޕީ) އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު ހަ އޮފިސަރަކު ސަސްޕެންޑުކުރަން ހުށަޙަޅަން ފާސްކޮށްފަ އެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ.

މި ހަތް ބޭފުޅުން ސަސްޕެންޑުކުރަން ހުށަހެޅުމަށް ކޮމިޓީން ފާސްކުރީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކޮމިޓީން ބޭއްވީ އިއްޔެ އާއި މިއަދު ބޭއްވި ސިއްރު ބައްދަލުވުންތަކެއްގަ އެވެ. ސިއްރު ބައްދަލުވުންތަކެއް ކަމަށް ވާތީ ކޮމިޓީގެ މެންބަރުން ވަނީ ތަފުސީލުތައް ސިއްރު ކުރައްވައިފަ އެވެ.

ސަސްޕެންޑު ކުރަން ހުށަހަޅަން ކޮމިޓީން ފާސްކުރި އޮފިސަރުންނަކީ: ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، ސުޕްރިންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް، އެސިސެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހުމާން، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އެވެ.

ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރަން ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން، މި އޮފިސަރުންނާ މެދު ފިޔަވަޅު އެޅުމުގެ ކުރިން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.