"އަދަދު" ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަމުރެއް ނެރެފިއެވެ. މި އަމުރު ނެރެފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ލީވާން ކޯޓަށް ހާޒިރުކުރަނީ އެ ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވެފައިވޭތޯ ބެލުމަށެވެ. އެގޮތުން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ލީވާން ހިލާފުވެފައިވޭތޯ ބަލާނެ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަމުންދާ މައްސަލައެކެވެ. ކޯޓު އަމުރުގައިވާ ގޮތުން ލީވާން ހާޒިރުކުރަނީ އޭނާ އަދަދު ނޫހުގައި ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެވެ. އެ އާޓިކަލްގެ ސުރުހީއަކީ "10 މޭއި 2026 ގައި އަދަދު ނޫހުން ޝާއިރު ކުރި އައިޝާ ޑޮކިއުމެންޓްރީ އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި" މިއެވެ.
ލީވާން އަލީ ނާސިރު ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.