ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި އަންހެނެއްގެ ސައިކަލެއް ވަގަށް ނެގި ދެ ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ވައްކަމުގެ ކުށް ސާބިތުވެފައި ވަނީ ގދ. ގައްދޫ، އެވަގްރީން، އަޙްމަދު މުޢާވިޔަތު އަދި އެ ރަށު ޝަމާހާ މަންޒިލް، މުޙައްމަދު ޢާޒިމް އިބްރާހީމްގެ މައްޗަށެވެ. އެ ދެ މީހުން ވަގަށް ނަގާފައި ވަނީ ލ. ކަލައިދުއަށް ނިސްބަތްވާ އަންހެނަކު އެއާޕޯޓުގައި ބަހައްޓާފައި ހުރި ސައިކަލެކެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ސައިކަލަކީ 2026 ޖޫން 24 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕާކުކޮށްފައި ހުރި ސައިކަލެކެވެ. އަދި މުޢާވިޔަތާއި ޢާޒިމް ގުޅިގެން އެ ސައިކަލު ވަގަށް ނަގައިގެން ދުއްވާފައި ވަނީ ޖެހިގެން އައި ޖޫން 25 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު 2:45 ހާއިރު ކަން ވަނީ އެނގިފައެވެ.
ދައުލަތުން އުފުލި ވައްކަމުގެ ދައުވާއަށް މި ދެ މީހުން ވެސް ޝަރީޢަތުގެ އިބްތިދާއީ މަރުހަލާގައި ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލައިގެ ހުކުމް އިއްވާފައި ވަނީ އަވަސްނިޔާގެ އިޖުރާއަތުގެ ދަށުންނެވެ.
މި މައްސަލައިގައި އަޙްމަދު މުޢާވިޔަތު ކުށަށް އިއުތިރާފުވުމުން އަދަބު ލުއިކޮށްދިން ނަމަވެސް، އޭނާގެ ކުށުގެ ރެކޯޑު އޮތުމުގެ ސަބަބުން އަދަބުގެ ދަރަޖަ ވަނީ މަތިކޮށްފައެވެ. އެގޮތުން އޭނާއަށް ކަނޑައެޅި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުން، ބަންދުގައި ހޭދަކުރި އަށް ދުވަސް އުނިކުރުމުން ތަންފީޒު ކުރަންޖެހެނީ 1 އަހަރާއި 6 މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެއިތުރުން މުޙައްމަދު ޢާޒިމް އިބްރާހީމަށް ކަނޑައެޅި ނުވަ މަހާއި 18 ދުވަހުގެ ހުކުމުން، ބަންދުގައި ހުރި އަށް ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭނީ 9 މަހާއި 10 ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލަ ބައްލަވައި ހުކުމް އިއްވެވީ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާނެވެ.