ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ވީއައިއޭ ނޮމިނޭޓްވެއްޖެ

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" އާއި "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" އަށް ނޮމިނޭޓްވެއްޖެއެވެ.

މި ދެ ކެޓަގަރީން ވާދަކުރުމުގެ ފުރުސަތު ވީއައިއޭ އަށް ލިބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ސަރަޙައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ ޝަރަފު ހޯދައިގެންނެވެ.

ވޯލްޑްސް ލީޑިންގ އެއާޕޯޓް ކެޓަގަރީގައި ވީއައިއޭ ވާދަކުރާނީ ޖުމްލަ 2 އެއާޕޯޓާ އެކުގައެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއި އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓާއި، އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އެއާޕޯޓް އަދި ޒޫރިކް އެއާޕޯޓް ފަދަ ދުނިޔޭގެ ބޮޑެތި އެއާޕޯޓްތައް ހިމެނެއެވެ. ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީގައި 12 އެއާޕޯޓަކާ ވީއައިއޭ ވާދަކުރާ އިރު، އޭގެ ތެރޭގައި ޗާންގީ، ދުބާއި، ހޮންކޮންގ، އަބޫދާބީގެ ޒާއިދު އެއާޕޯޓް، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ފާހަގަކޮށްލެވެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށާއި ދެ ކެޓަގަރީންވެސް ވީއައިއޭ އަށް ވޯޓު ދީ ކާމިޔާބު ހޯދައިދެއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ޥޯޓިން ލިންކް: ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026 | ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026

މި އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް އިޢުލާނުކުރާނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.