ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސްގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ހުސައިން އަދި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ އެވެ.
މި ދެ ބޭފުޅުން ސަސްޕެންޑް ކުރީ ކިހާ މުއްދަތަކަށް ކަމެއް ސާފެއްނޫނެވެ. އަދި ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއްވެސް ސާފެއް ނޫނެވެ.
ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ އަކީ މިދިޔަ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުރި ބޭފުޅެކެވެ. ޒަކަރިއްޔާ ހުސައިން އަކީ މީގެކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޑީޖޭއޭގެ އިސް ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާއިރު މިފަހުން ޑީޖޭއޭގެ އެންމެ އިސް ވެރިއަކަށް ހުންނެވި އަމްޖަދު މުސްތަފާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއްވެސް ސާފެއް ނުވެ އެވެ.