ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް

ހެކިންނަށް ބިރުދައްކާ ކަމަށް ގާޒީ ވިދާޅުވުމުން ޖޭއެސްސީއަށް މައްސަލަ ހުށަހަޅައިފި

މުހައްމަދު ހަމީޒް
 
4 މަސް ކުރިން

ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ހުކުމެއްގައި ލިޔުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅީ ދިފާއީ ވަކީލެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމްއެމްއޭ ކައިރީގައި 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވެފައިވަނީ ތުހުމަތު ކުރެވޭ މީހުންގެ ގްރޫޕާއި އާއިލާ އަދި ދިފާއީ ވަކީލުން ހެކިންނަށް ފުރާނައަށް ނުރައްކާވާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.

މި ވާހަކަތައް ކުށްވެރިކޮށް ބާ ކައުންސިލުން ބުނީ މިއީ ވަކި ހެއްކެއް ނެތި ދިފާއީ ވަކީލުންނަށް އަމާޒުވި ތުހުމަތެއް ކަމަށެވެ. މިފަދަ ވާހަކަތަކުން އަދުލު އިންސާފުގެ ނިޒާމަށް އާންމުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ބާ ކައުންސިލުން ވަނީ ކްރިމިނަލް ކޯޓާ ހިއްސާކޮށްފައެވެ.