ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޝަމީމް

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އާދަމް ޝަމީމް އައްޔަންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ދ. މާއެނބޫދޫ، މަލާޒް ޝަމީމް އައްޔަންކުރީ އެ މަޤާމަށް ބޭފުޅަކު ހަމަޖެއްސުމަށް އެކުލަވާލެވުނު އިންޓަވިއު ޕެނަލްއިން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން ކަމަށެވެ. އަދި އޭނަ އަކީ އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ވެސް ލިބުނު ބޭފުޅާ ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާކުމުން 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އެ މަގާމަށް އައްޔަންކުރި ޝަމީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭ ގެފަހުން އޭނަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އައްޔަންކޮށްފަ އެވެ.