ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާގެ މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ) ގެ މަގާމުން އަމްޖަދު މުސްތަފާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މި މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން، ފެބްރުއަރީ 2025 ގައެވެ.
މަގާމުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު އަމްޖަދު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަމްޖަދަކީ މީގެ ކުރިން ވެސް ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައެވެ.
އަމްޖަދު އިސްތިއުފާ ދެއްވި ދަނޑިވަޅަކީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުގައި އޮތް އޮތުން ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ވަގުތެވެ. ރައީސް ވިދާޅުވި ގޮތުގައި، ކޯޓުތަކުގެ އިދާރީ އިސްވެރިންގެ ބާރު މާ ބޮޑުވުމަކީ ޝަރުއީ ނިޒާމަށް އޮތް ހުރަހެކެވެ.
ސަރުކާރުގެ އަމާޒަކީ ޑީޖޭއޭ އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، އުއްތަމަފަނޑިޔާރަށާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ގޮތަށް ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމެވެ. މިއީ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ޑީޖޭއޭ ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށެވެ. ޖޭއެސްސީން ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ މި މަގާމުގެ ޒިންމާތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ ކަންކަން ރޭވުމާއި، މުވައްޒަފުންނާއި ބަޖެޓުގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، މި މަގާމުގައި ހުންނަވާ ބޭފުޅަކީ ޖޭއެސްސީއަށް ޖަވާބުދާރީވާންޖެހޭ، އަދި ފަނޑިޔާރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެވެ. އަމްޖަދު ވަކިވެވަޑައިގަތުމާ ގުޅިގެން މި މަގާމަށް ދެން އައްޔަންކުރާނެ ބޭފުޅަކާ މެދު ޖޭއެސްސީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.