ދިރިއުޅެމުން ދިޔަ ގެއިން ގިނަ އަދަދެއްގެ ކެނެބިސް ފެނުނު މައްސަލައެއްގައި، ސ. ހިތަދޫ، ހެޕީފިއުޗާ، މުހައްމަދު ސުއައިދު އަހުމަދު 25 އަހަރަށް ޖަލަށްލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2023 ސެޕްޓެމްބަރު މަހު މާލޭގެ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
ފުލުހުން އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، އެތަނުން 84.9128 ގްރާމް ކެނެބިސް އާއި، މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނުގެ އިތުރުން އޭނާގެ އަމިއްލަ ލިޔެކިޔުންތަކާއި ޕާސްޕޯޓް ފެނިފައިވެއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި މަސްތުވާ އެހެން ބާވަތެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވެއެވެ.
ޝަރީއަތުގެ ކުރީކޮޅު ދައުވާއަށް އިންކާރު ކުރި ނަމަވެސް، ފަހުން އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށަށް 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ ދައުވާއަށް ތަންފީޒުކުރަން ޖެހެނީ 10 އަހަރާއި 1 މަހާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއަށް 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޖުމްލަ ދެ ދައުވާއަށް ބަލާއިރު އޭނާ 25 އަހަރަށް ޖަލަށްލުމާއެކު، ކޮންމެ ދައުވާއަކަށް 50،000 ރުފިޔާގެ މަގުން ޖުމްލަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ގާޒީ އަލީ ނަދީމް ވަނީ ހުކުމް ކުރައްވާފައެވެ.