އަދަދު ނޫހުގެ ނޫސްވެރިޔާ އާއިދު

އަދަދު ނޫހުގެ ނޫސްވެރިޔާ އާއިދު ނޫސްވެރިކަމުގެ ދާއިރާއާ ދުރަށް

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

އަދަދު ނޫހުގެ ނޫސްވެރިޔާ އާއިދު ނޫސްވެރިކަމުގެ ދާއިރާއިން ވަކިވާން ނިންމައިފިއެވެ. އޭނާ މިކަން އިއުލާން ކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އާއިދަކީ މިހާރު ހިނގަމުންދާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ އަދި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ތޫނު ރިޕޯޓުތަކެއް ލިޔަމުންދިޔަ ނޫސްވެރިއެކެވެ.

އާއިދު ބުނި ގޮތުގައި މިއީ ގިނަ ދުވަސްތަކެއްގެ ވިސްނުމަށްފަހު، ވަރަށް ބޮޑު ހިތާމައަކާއެކު އޭނާ ނިންމި ނިންމުމެކެވެ. ނޫސްވެރިކަމުގައި ހޭދަކުރި އަހަރުތަކަކީ އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ދުނިޔެއަށް ބަލާނެ އާ ނަޒަރިއްޔާތަކެއް ދަސްކޮށްދިން ދުވަސްތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، މި ދާއިރާގައި މަސައްކަތް ކުރުމުގައި ހޭދަކުރަންޖެހޭ ދިގު ވަގުތުތަކާއި، ކުރިމަތިވާ މެދުނުކެނޑޭ ފިއްތުންތަކުގެ އިތުރުން ކުރިމަތިވާ ނުރައްކާތަކާ މެދު އިތުރަށް ވިސްނަން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޝައުގުވެރިކަމަކީ ދުރަށް ގެންގޮސްދޭނެ އެއްޗެއް، އެކަމަކު ވަކި ހިސާބަކުން އަމިއްލަ ނަފްސާއި، ނަފްސާނީ ދުޅަހެޔޮކަމާއި، މާލީ ހަގީގަތްތަކަށް ބަލައި، މިއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން ޖެހޭ،" އާއިދު އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދަދު ނޫހުގައި ހޭދަކުރި ތިން އަހަރާއި ބައިގެ މުއްދަތުގައި އެ ނޫހުގެ ޓީމުން ލިބުނު އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ދާއިރާއިން ވަކިވާން ނިންމި ނިންމުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި ބައެއް އެހެން ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް، ބައެއް ނޫސްވެރިން ކަންކަމުގެ ހަގީގަތް ބެލުމެއް ނެތި ވާހަކަ ފެތުރުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

އާއިދު ވަނީ އޭނާގެ މަސައްކަތުގެ ތެރެއިން އެއްވެސް ފަރާތަކަށް ނޭދެވޭ އަސަރެއް ކޮށްފައިވާނަމަ އެކަމަށް މައާފަށް އެދިފައެވެ. އޭނާ އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް މައުލޫމާތު ދިން މަސްދަރުތަކާއި، އިންޓަވިއު ދިން ފަރާތްތަކުން އޭނާއަށް ކުރި އިތުބާރަށްޓަކައި ޝުކުރު އަދާކުރިއެވެ.

ނޫސްވެރިކަމުގެ ދާއިރާއިން ވަކިވި ނަމަވެސް، އެ ދާއިރާގައި ދެމިތިބި ނޫސްވެރިންނަށް އާއިދު ވަނީ އިހުތިރާމް އަދާކޮށްފައެވެ. އޭނާގެ ކުރިމަގާ މެދު އުންމީދާއެކު ބަލަމުންދާ ކަމަށާއި، މި ދަތުރުގައި ލިބުނު ފިލާވަޅުތަކާއި ގުޅުންތަކަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށް ބުނެ އޭނާގެ ބަޔާން ނިންމާލާފައިވެއެވެ.