ރާއްޖޭގެ ފަރުތައް އާލާކުރުމާއި، އެ ނިޒާމުތައް މޮނިޓާކޮށް ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްއެމްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަމްޖަދު އަހުމަދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ފަހުމުނާމާގެ ދަށުން އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ ފަރުތައް އާލާކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ އިރުޝާދާއި، ތަޖުރިބާ އަދި ސައިންޓިފިކް އެހީތެރިކަން އެމްއެމްއާރް.އައި އިން ފޯރުކޮށްދޭނެއެވެ.
އަދި ރާއްޖޭގެ ފަރުތަކުގެ ދިރުންތައް ދެނެގަތުމަށް ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކުރުމާއި، ފަރުތައް މޮނިޓަރކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ނާޒުކު ފަރުތަކުގެ ނިޒާމު ހިމާޔަތްކޮށް، މުރަކަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ދާއިރާއިން ކުރެވޭ ސައިންޓިފިކް ދިރާސާތައް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް އުންމީދު ކުރެއެވެ.