ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ، އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނި، ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށެވެ. އެގޮތުން، މި އަހަރުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ފުރުސަތު ހުޅުވާލާފައި ވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށް ކަމަށާއި، މި މަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެ ދާއިރާތަކުން ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކުރެވޭނެކަން އެޗްޑީސީން ފާހަގަކޮށްފައިވެ އެވެ.
އެޗްޑީސީއިން ބުނީ، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.