ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދު އެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީ އެވެ.
އެޗްޑީސީއިން ބުނީ، މި އެމްއޯޔޫގެ މަގްސަދަކީ، އެޗްޑީސީ އަދި އެމްއައިބީގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުން ކަމަށެވެ.
ދެ އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުންނެވެ.
މި ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.