ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށާއި، ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫނާރާނެ ގޮތަކަށް ބަލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެއެވެ. އެހެންކަމުން، ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
މި މަސައްކަތަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކޯޕަރޭޝަނުން ވަނީ މާފަށް އެދިފައެވެ.