ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް

ޒަމާނުއްސުރެން މުދައްރިސުންގެ އެލެވެންސް އަކި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއް: މެމްބަރު އަމީން

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި ސްކޫލްތަކުގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއަކީ ޒަމާނުއްސުރެ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ވިދާޅުވެއްޖެއެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން އަމީން ފާހަގަކުރެއްވި ގޮތުގައި، އެންމެ އިޚްލާޞްތެރިކަމަށް ދައުވާކުރާ މި ސަރުކާރުގެ ދެ އަހަރު ފާއިތުވެގެން ދިޔައިރުވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

އަމީން ވިދާޅުވީ މުދައްރިސުންނަކީ ރާއްޖޭގެ އެހެން އެއްވެސް މުއައްސަސާއަކަށްވުރެ ބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށެވެ. ނަމަވެސް، ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނާއި، އެހީތެރިވާ މަސައްކަތު މީހުންނާއި، ސްޕޯޓްސް ސްޓާފުންގެ އިތުރުން އެޑްމިން މުވައްޒަފުންނަށް ލިބެންޖެހޭ ޙައްޤު އިނާޔަތްތަކާއި އެލަވަންސްތައް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ދަރިވަރުން ގޮވައިގެން ރަށްރަށަށް ކުރާ ދަތުރުތަކުގައިވެސް އިތުރުގަޑީގެ ގޮތުގައި ލިބެނީ ވަރަށް ކުޑަ އިންސައްތައެއްކަން އޭނާ ހާމަކުރެއްވިއެވެ.

ދައުލަތުގެ އެހެން ދާއިރާތަކާ އަޅާކިޔުއްވަމުން އަމީން ވިދާޅުވީ، ޖުޑިޝަރީގެ މިނިވަންކަމަށްޓަކައި ބޮޑެތި ބަޖެޓުތައް ދީ، އެ ދާއިރާގެ އެންމެ ދަށު މުވައްޒަފުންނަށްވެސް ލިވިންގ އެލަވަންސް ފަދަ އިނާޔަތްތައް ދެމުންދާއިރު، ތަޢުލީމީ ދާއިރާގެ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންނަށް އެފަދަ އިނާޔަތްތަކެއް ނުލިބޭ ކަމަށެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގައިވެސް މިފަދަ މައްސަލަތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މެންބަރު އަމީން ވަނީ ސަލާމަތީ ޚިދުމަތްތަކުގެ އިސްވެރިން ރިޓަޔަރ ކުރާއިރު ދޭ ބޮޑެތި އިނާޔަތްތަކާ މެދުވެސް ސުވާލު އުފައްދަވާފައެވެ. "ކޮމިޝަނަރ އޮފް ޕޮލިސްއެއް ރިޓަޔަރކޮށްގެން ގަނޑުކޮށް ދޭ އިނާޔަތް، ސްކޫލެއްގައި ވިހި ތިރީސް އަހަރު ނުވަތަ ސާޅީސް އަހަރު ޚިދުމަތްކޮށްފައި ވަކިވާ މުދައްރިސަކަށް ނުލިބެންވީ ކީއްވެތޯ؟" އަމީން ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ސިފައިންނާއި ފުލުހުންނަށް އެއްޗެއް ލިބޭތީ ކުރާ ކަންބޮޑުވުމެއް ނޫން ކަމަށާއި، ނަމަވެސް ޖީލުތައް ބިނާކުރާ މުދައްރިސުންނަށް އެ ޙައްޤު މިންވަރު ނުލިބޭތީ ކުރާ ކަންބޮޑުވުމެއް ކަމަށެވެ.

ނިންމަވާލައްވަމުން އަމީން ވިދާޅުވީ، ސަރުކާރުގެ ފައިސާ ބަހާއިރު އެންމެ ބުރަކޮށް މަސައްކަތްކުރާ އަދި ޤައުމު ބިނާކުރާ ފަރާތްތަކަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި މުދައްރިސުންގެ މުސާރައާއި އިތުރުގަޑީގެ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.