ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ނިންމީ ހެޔޮ ނިޔަތުގައި ކުރިއަށް ވުރެ ފުރިހަމައަށް މަސައްކަތް ކުރުމަށް ކަމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރައްވާ ސޯބެ ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކެއް ތިބި ދާއިރާއެއް ކަމަށެވެ. އަދި މިވަގުތަކީ އަނެއްކާވެސް ރާއްޖެއަށް ބޮޑެތި އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސޯބެ ވިދާޅުވި ގޮތުގައި މި ބައި އިލެކްޝަންގައި ވާދަކުރަން ނިންމެވީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު، ކުރިއަށް ވުރެ ފުރިހަމައަށް އެ މަސައްކަތް ކުރުމުގެ ހެޔޮ ނިޔަތުގަ އެވެ. "ހިތަދޫ އުތުރު ދާއިރާއަކީ ރާއްޖޭގެ އިސްލާހީ ބަދަލުގެ ބޮޑު ހިއްސާދާރުންތަކެއް ތިބި ދާއިރާއެއް،" ސޯބެ ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުންނެވެ. މި ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ގޮނޑި ގެއްލުނު ކުރީގެ މެންބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރަކަށް މިހާރު ހުންނެވި އަހުމަދު ސައީދެވެ. މީގެ އިތުރުން މި ގޮނޑި އަށް އަމިއްލަ ގޮތުން ވެސް ބައެއް ފަރާތްތަކުން ވާދަކުރަން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.