އައްޑޫގެ 'ސްކޫޕް' ގްރޫޕަކީ ކުށްކުރާ ގޭންގެއް ކަމަށް ކަނޑައެޅުމުގެ ޝަރީއަތް އާދީއްތަ ދުވަހު ފަށަނީ

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ނަމަކަށް ކިޔާ ގްރޫޕަކީ ކުށްކުރާ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހުށަހެޅި މި މައްސަލައިގެ އަޑުއެހުން އޮންނާނީ އާދީއްތަ ދުވަހުގެ މެންދުރު 12:50 ގައެވެ.

ފުލުހުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ޕީޖީ އޮފީހުން ބުނީ، "ސްކޫޕް" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ގްރޫޕެއް ކަމަށެވެ. އަދި އެއީ މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ޕީޖީން ހައި ކޯޓުގައި އެދިފައިވަނީ "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ކުށްކުރާ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވިފައިވާ ނުވަ މީހަކީ އެ ގޭންގުގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލައިގެ ތެރެއިން އިތުރު ބައެއް އަމުރުތަކަށްވެސް ޕީޖީން ވަނީ އެދިފައެވެ. އެގޮތުން އެ ގްރޫޕާ ގުޅުން އޮންނަ ކަމަށް ބެލެވޭ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އައްޑޫގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ލިޔެފައިވާ އެ ގްރޫޕުގެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިއީ އައު ގޭންގް ކުށުގެ ގާނޫނުގެ ދަށުން ވަކި ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ.