ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ދިން ފައިސާތަކެއް ލޯންޑާކުރުމުގައި އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަގީލް، ތައިލެންޑުން ހައްޔަރުކޮށް ރާއްޖެ ގެނައުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގއ. ގެމަނަފުށީ ފެހިކުރި، އަގީލް މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ ގެނެސް، އޭނާ ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރު ވަނީ ތަންފީޒުކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާ ގޮތަށް، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 22 އިން ފެށިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
އެފްއޭއެމްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ އިސް މަގާމެއް ކުރިން ފުރުއްވި އަގީލް، ފިލައިގެން އުޅެނިކޮށް ބެންކޮކުން ހައްޔަރުކުރީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންއަށް އެހީތެރިވުމުގެ ދައުވާއެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުން ފްލެޓެއް ގަތުމަށް ބޭނުންކުރި ފައިސާ ލޯންޑާކުރުމުގައި އެހީތެރިވި ކަމަށް ބުނެއެވެ.
މި މައްސަލައިގައި ހިމެނޭ ބައްސާމްގެ މައްޗަށް ކުށް ސާބިތުވެފައިވީ ނަމަވެސް، އަގީލް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ ބައި އޮތީ ކުރިއަށް ނުގެންގޮސް މަޑުޖެހިފައެވެ. ފީފާގެ ފައިސާއަށް ހިޔާނަތްތެރިވުމާއި މަނީ ލޯންޑާކުރުމުގެ ކުށް ސާބިތުވެ، ބައްސާމް މިހާރު ގެންދަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.