އޮޑި ސްޕޯޓްސް ކްލަބް އެކަޑަމީގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެސް، އެކަޑަމީގެ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
މި ބަދަލާއެކު، ކުރިއަށް އޮތް މެއި މަހާއި ޖޫން މަހު ކުރިއަށްދާ ތަމްރީނުތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ ކްލަބުން ވަނީ އިއުލާނުކޮށްފައެވެ.
އޮޑި ސްޕޯޓްސް ކްލަބުން ބުނި ގޮތުގައި، މި ބަދަލުތަކުގެ އެންމެ ބޮޑު މަގްސަދަކީ ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، ކުޅުންތެރިންގެ ހުނަރާއި ފިޓްނަސް އަދި އަހުލާގު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމެވެ. މިއީ މުސްތަގުބަލުގައި އެކަޑެމީގެ ކުޅުންތެރިންނަށް ކްލަބުގެ ސީނިއާ ޓީމުން ފުރުސަތު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުލަބުން ބުނެފައިވެއެވެ.
ކޮންމެ ކުއްޖަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެކަޑަމީން ވަނީ "އެލީޓް ސިސްޓަމް" ނުވަތަ ވަކި ބަޔަކަށް އިސްކަންދޭ އުސޫލު ދޫކޮށްލައިފައެވެ. އެކަޑަމީގެ އާ އޮނިގަނޑު އެކުލަވާލާފައިވަނީ ކޮންމެ ކޯޗަކަށް މަދު ކުދިންތަކެއް ބަހާލައިގެން، ކޮންމެ ކުއްޖަކަށްވެސް ވަކިވަކިން ސަމާލުކަން ދެވޭނެ އުސޫލެއްގެ ދަށުންނެވެ. މިއީ ފާއިތުވި ދެ އަހަރު ދުވަހު ރާއްޖޭގެ އެކަޑަމީތަކުގެ ހާލަތު ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށް ކްލަބުން ބުނެއެވެ.
އެކަޑަމީގެ މާޒީއަށް ބަލާއިރު، މީގެ ކުރިން އެކަޑަމީ ހިންގަމުން އައީ ފަރީދު ކޯޗާ ގުޅިގެންނެވެ. ކްލަބުން ބުނި ގޮތުގައި ފަރީދުއާއެކު ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއްބަސްވުމަކަށް ނާދެވުމުން ދެ ފަރާތް ވަކިވާން ޖެހުނީ ފަރީދު ކޯޗުގެ އަމިއްލަ ނިންމުމަކަށެވެ.
އެކަޑަމީގެ ފަންނީ ކަންކަން ބެލެހެއްޓުމަށްޓަކައި، ސީނިއާ ޓީމުގެ ހެޑް ކޯޗު އަންދްރެސް ގާސިއާ މިހާރު ވަނީ ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެކަޑަމީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ރާއްޖޭގެ މަޝްހޫރު ކޯޗު ހަސަން ހަމީދު (ޑަކޭ) އެވެ.