ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް

އޮއްޕޮގެ ކުންފުނިން ނަގާފައިވާ ބިމުގެ މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ

މުހައްމަދު ހަމީޒް
 
13 ގަޑިއިރު ކުރިން

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ހިއްސާ އޮންނަ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަދާފައިވާ ގުދަނެއް ހުސްކުރަން ދެކޮޅު ހެދުމުން، އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.

ފީފާގެ އެހީގައި ފޯވާޑްސް ޕްރޮޖެކްޓް ހިންގުމަށް 2017 ވަނަ އަހަރުން ފެށިގެން 50 އަހަރަށް ސަރުކާރުން އެފްއޭއެމަށް ދޫކޮށްފައިވާ މި ބިމުގައި، ފުޓްބޯޅަ ދަނޑު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހުސްކުރަން އެތައް ފަހަރަކު އެންގުމުން ވެސް އެ ކުންފުނިން އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އެފްއޭއެމުން ހާމަކުރެއެވެ.

ކުންފުނީގެ ހިއްސާދާރުންނާއި ބިން ބޭނުންކުރާ ގޮތް

އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފިއުޗާ ހޯމްސްގެ މެނޭޖިން ޑިރެކްޓަރަކީ އޮއްޕޮއެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި އޭނާގެ އިތުރުން ފާތިމަތު ފަޒީލާ ހިމެނެއެވެ. އެފްއޭއެމުން ބުނާ ގޮތުގައި އެ ކުންފުނިން ވަނީ އެ ސަރަހައްދުގެ 2700 އަކަފޫޓުގެ ބިމެއްގައި، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރުގެ މުއްދަތަށް ދެބުރި ގުދަނެއް ބިނާކޮށްފައެވެ.

އެ ބިން ދޫކުރީ އެ ސަރަހައްދުން ކުނި އުކާލުމަށް 1.8 މިލިއަން ރުފިޔާ ހަރަދުކުރުމުގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނި ނަމަވެސް، އެފަދަ އެއްބަސްވުމެއް އެފްއޭއެމާއެކު ވެފައި ނުވާކަން އެ އިދާރާއިން ފާހަގަކުރެއެވެ. "މިފަދަ އެއްވެސް އެއްބަސްވުމެއް އެފްއޭއެމާއެކު ވެފައި ނުވާކަން ފާހަގަކުރަން" އެފްއޭއެމުން ބުނެފައިވެއެވެ.

ހުއްދައެއް ނެތި ކުރި އިމާރާތެއް

މީގެ އިތުރުން، އެ ގުދަން އިމާރާތްކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ހުއްދައެއް ނުވަތަ ކުރެހުމެއް ފާސްކުރުމެއް ނެތި ކަން އެ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް އެފްއޭއެމުން ބުނެއެވެ.

މި މައްސަލައިގައި ބިން ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެފްއޭއެމްގެ އެކްސްކޯއިން މިހާރު ވަނީ ކަނޑައަޅާފައެވެ. މިއީ ފުޓްބޯޅައިގެ ތަރައްގީއަށް ކަނޑައަޅާފައިވާ ބިމެއް ކަމަށްވާތީ، އެ ބިން އަނބުރާ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ އިދާރާއިން ދެކެއެވެ.