އެފްއޭއެމުން ރީޖަނަލް އެސޯޝިއޭޝަންތައް ހަދަނީ

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކެއް އުފައްދަން ނިންމައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމުން އެފަދަ ބަދަލެއް ގެންނަން ނިންމީ ރާއްޖޭގެ ފުޓްބޯޅައިގެ ހިންގުން ލާމަރުކަޒު ކުރުމުގެ ގޮތުންނެވެ.

ހަތަރު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން ހަދަން ނިންމީ މިކަމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނާއި ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނާއި މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންގެ އިތުރުން ސައުތު ރީޖަން އެސޯސިއޭޝަން ހަދަން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެފްއޭމުން ބުނީ އަލަށް އުފައްދާ އެސޯސިއޭޝަންތަކުގެ އޮނިގަނޑު އެކުލަވާލައި، އިންތިހާބީ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމުން ބުނި ގޮތުގައި ރީޖަނަލް އެސޯސިއޭޝަންތައް އުފެދުމާ އެކު، އެ ސަރަހައްދެއްގެ ލީގުތަކާއި، މުބާރާތްތައް ހިމެނޭހެން ފުޓްބޯޅައިގެ ހުރިހާ ކަމެއް ރާވައި، އިންތިޒާމުކުރާނީ އެ ސަރަހައްދެއްގެ އެސޯސިއޭޝަނަކުންނެވެ. އެ ހިސާބުން އެފްއޭއެމް ގައުމީ ފެޑެރޭޝަނަކަށް ބަދަލުވާނެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އަހުމަދު ތޯރިގް (ޓޮމް) މިދިޔަ އަހަރު ވަޑައިގަތް ފަހުން ދިވެހި ފުޓްބޯޅައިގެ ކުރިއެރުމަށް އަންނަނީ މިފަދަ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.