ވޯލްޑްކަޕް 2026: ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ގަދަ 32 ކަށަވަރުކޮށްފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

އާލިންޓަންގައި ކުޅުނު ފޯރިގަދަ މެޗުގައި ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު 2-0 އިން އޮސްޓްރިއާ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރާ ބުރަށް ދަތުރުކޮށްފިއެވެ. މި މޮޅާއެކު ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން އާޖެންޓީނާ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ގުރޫޕް ޖޭގައި ހިމެނޭ އޮސްޓްރިއާ ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު، މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ޖޯޑަން އާއި އަލްޖީރިއާ ވަނީ އެ ޓީމުތަކުން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އާޖެންޓީނާގެ މި ކާމިޔާބީއާއެކު އެ ޓީމަށް ވަނީ މުބާރާތުގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

މިރޭގެ މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާއަށް ފުރަތަމަ ލަނޑު ޖަހައިދީ ކުރިހޯދައިދީފައެވެ. މި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އައުކޮށް، ފުޓްބޯޅައިގެ އައު ތާރީޚެއް ލިޔެފައެވެ. ޖުމްލަ 28 މެޗުން 17 ގޯލު ހަމަކޮށް މެސީ މުގުރާލީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ 24 މެޗުން 16 ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑެވެ.

އުމުރުން 38 އަހަރުގެ މެސީ މި މުބާރާތް ފެށިއިރު އޮތީ 13 ލަނޑުގައެވެ. ނަމަވެސް އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ ކްލޯސޭގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މިއަދުގެ މެޗުގައި ޖެހި ފުރަތަމަ ލަނޑާއެކު އޭނާ ވަނީ އެ ރެކޯޑް އަމިއްލަ ނަމަށް ބަދަލުކޮށްފައެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މެސީ ވަނީ އޭނާގެ 18 ވަނަ ވޯލްޑް ކަޕް ގޯލު ޖަހައި އާޖެންޓީނާއަށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މުބާރާތުގައި އާޖެންޓީނާއިން މިހާތަނަށް ޖެހި ފަސް ލަނޑަކީ ވެސް މެސީ ކާމިޔާބުކޮށްދީފައިވާ ގޯލުތަކެވެ.

މީގެ އިތުރުން، ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖަހައިގެން މެސީ ވަނީ ބްރެޒިލްގެ ޖަޒީނިއޯ އާއި ފްރާންސްގެ ޖަސްޓް ފޮންޓެއިންގެ ރެކޯޑާ ވެސް އެއްވަރުކޮށްފައެވެ. މެސީ ވަނީ 2022 ވަނަ އަހަރުގެ މުބާރާތުގެ ފަހު ހަތަރު މެޗުގައި ވެސް ލަނޑު ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.