އާ ސީޕީއަކަށް އަހުމަދު މުހައްމަދު އައްޔަންކުރައްވައިފި

މުހައްމަދު ހަމީޒް
 
12 ދުވަސް ކުރިން

ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ މަގާމުގެ ފަތް ކޮޅު ރައީސް ވަނީ ހަވާލުކުރައްވާފައެެވެ.

މި ސަރުކާރުގައި ސީޕީއަކަށް ފުރަތަމަ އައްޔަންކުރެއްވީ އަލީ ޝުޖާއުއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އޭނާ ރިޓަޔާކުރެއްވުމުން، އެ މަގާމަށް ނަވީން އައްޔަންކުރެއްވިއެވެ. ނަވީވް ވަނީ އެ މަގާމުން މިދިޔަ މަހުގައި ރިޓަޔާކުރައްވާފައެވެ.

އެއާއިއެކު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.

ސީޕީއެއް އައްޔަންކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހު ހުޅުވާލިއެވެ. ނަމަވެސް އެބުރު އެކަކުވެސް އެ މަގާމަށް ކުރިމައްޗެއް ނުލައެވެ. ދެވަނަ ފަހަރަށް އެ މަގާމަށް އިއުލާންކުރުމުން ފަރުހާދާއި އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ކުރިމަތިލެއްވިއެވެ.

އެ ބޭފުޅުންނާއި ޕޮލިސް ބޯޑުން އިންޓަވިއުކުރެއްވިއެވެ.

އަހުމަދު މުހައްމަދު ވަނީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަހުމަދު މުހައްމަދު ފުރިހަމަކުރައްވާފައިވެއެވެ.

ހިދުމަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަހުމަދު މުހައްމަދު ވަނީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.