މާފުށީ ޖަލު

ޖަލުން ސްކޭމްކުރާ މީހަކަށް އެހީވި ބަޔަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
11 ގަޑިއިރު ކުރިން

ޖަލުގައި ހުރި ގައިދީއަކު އިސްވެ ހުރެ ހިންގި މަކަރާއި ހީލަތުގެ މުއާމަލާތްތަކަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި، ބަޔަކު ހައްޔަރުކޮށްފިއެވެ

ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ފިރިހެނަކާއި، ގއ. ގެމަނަފުށީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އައްޑޫ މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖަލުގައި އޮވެގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްކުރި މީހަކަށް އެކި ގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ.

ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، މި މީހާ ވަނީ ސްކޭމްގެ ފައިސާ ދައުރުކުރުމަށްޓަކައި (މަނީ ރޯލްކުރުމަށް) އޭނާގެ ރައްޓެހިންގެ ބޭންކު އެކައުންޓުތައް ހޯދައިދީފައެވެ. އަދި ސްކޭމްގެ ތެރެއިން ހޯދާ ފައިސާއާ ހަވާލުވުމާއި، އެކި މުއާމަލާތްތަކުގައި ބައިވެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަން ހުރި ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.