ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރާ އާމިރު

ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރާ މައްސަލާގައި އާމިރު ފުލުހަށް ހާޒިރުވާން އަންގައިފި

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދައްކާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ. މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ މާލެ، ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) އެވެ.

ފުލުހުން ބުނި ގޮތުގައި އާމިރުގެ މައްޗަށް ތުހުމަތު ކުރެވެނީ ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކުރުމުގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެއްގައެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވި ނަމަވެސް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އާންމުކޮށް އިއުލާނުކޮށް އޭނާ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. އާމިރު ހާޒިރުވާން ޖެހެނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.

ފުލުހުންގެ އިއުލާނުގައިވާ ގޮތުން، އަޙްމަދު ޢާމިރު ހާޒިރުވާން ޖެހެނީ 2026 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 16:00 އަށް، ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.