ހިޔާ ޓަވަރު 9 ގައި މާރާމާރީއެއް ހިންގައިފި

ނާއިފް ހަލީމް
 
14 ދުވަސް ކުރިން

ހިޔާ ޓަވަރު 9 ގައި މާރާމާރީ ހިންގި ކުއްޖަކު މިރޭ ހިފަހައްޓައިފިއެވެ. 

މިރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރެއްގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭ ހިޔާ ޓަވަރު 9 ގައި ބައެއްގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި ހަމަނުޖެހުމުގައި އެއްބަޔަކު އަނެއްބަޔަކަށް އިންޒާރުދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން 3 ކުޑަކުދިން މައުލޫމާތު ސާފްކުރުމަށް ހުއްޓުވައި، 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ހަމަނުޖެހުންތަކުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާއިރު، މާރާމާރީ ހިންގާފަ ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުތަކުގައި ކުދި ގްރޫޕްތަކުގެ މެދުގައި ހަމަނުޖެހުން ހިންގުމަކީ މިހާރު ވަރަށް އާއްމު ކަމެއްކަމަށް ޓަވަރުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން ފާހަގަކުރެއެވެ.