މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބްރޯޑްކޮމް މެންބަރުން -- ފޮޓޯ: މަޖިލިސް

މަޝްވަރާނުކޮށް މީޑިއާ ބިލު ޑްރާފްޓުކުރުމުން ބްރޯޑްކޮމުން ކަންބޮޑުވެއްޖެ

ނާއިފް ހަލީމް
 
7 ދުވަސް ކުރިން

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް ހުށަހެޅުމުގެ ކުރިން އެ ކޮމިޝަނާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ދިރާސާކުރަން ފޮނުވައިފައެވެ.

އެއާއެކު އެ ކޮމިޓީއަށް މިއަދު ހެނދުނު ބްރޯޑްކޮމްގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ. ބްރޯޑްކޮމްގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކޮމިޝަންގެ ރައީސް ޞަފާ ޝަފީގު ވިދާޅުވީ، މި ބިލު އެކުލަވައިލުމުގައި ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށެވެ. އަދި މިހާރު މި ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.

މުހިންމު ކަންކަން ފާހަގަކުރައްވަމުން ޞަފާ ވަނީ ދެ ކޮމިޝަން އެއްކޮށްލުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލާއިރު ބަދަލުކުރަން ޖެހެނީ ވަރަށް ބައިވަރު ގަވައިދުތަކާއި އުސޫލުތައްކަމަށް ވިދާޅުވިއެވެ. އެ ކަންކަމަކީ ވަރަށް ގިނަ މަޝްވަރާތައް ބޭނުންވާ ކަންކަން ކަމަށާއި، އަހަރު ދުވަހުން ވެސް ނިމޭވަރަށްވުރެ ބޮޑު މަސައްކަތެއްކަމަށް ޞަފާ ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް ތަމްރީން ހިންގަން ޕްރޮގްރާމްތައް ހިންގުމާއި، ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ބްރޯޑްކޮމުގެ މެންޑޭޓުގައި އޮންނަ ކަމެއް ނަމަވެސް ބަޖެޓު ކުޑަކަމުން މުސާރަ ދީފައި އިތުރަށް އެއް ކަމެއް ވެސް ނުވާކަމަށް ޞަފާ ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ބަޖެޓު ކުޑަކަމުން މީޑިއާއަށް ކޮށްދޭނެ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނީނދެ. ބަޖެޓުގައި އެއެއް ނެތް. މީގައި ވެސް އަޅުގަނޑުމެންނަށް އެ ކަން ބަޖެޓު ކުޑަކަން ފާހަގަވި،" ޞަފާ ވިދާޅުވިއެވެ.

އެހެންކަމުން މި ހާލަތުގައި އޮއްވައި މިޑިއާ ކައުންސިލް ވެސް އެއްކޮށް ކޮމިޝަނެއް ހަދާއިރު ބޮޑު ބަޖެޓެއް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓާ ގުޅޭ މާ ބޮޑު ވާހަކައެއް ބިލުގައި ނެތްކަމަށް ވިދާޅުވިއެވެ.

ކޮމިޝަންގެ މެންބަރުން، ވަނީ މި ބިލުގެ މަގްސަދަކީ މީޑިއާ ޒިންމާދާރު ކުރުމަށް މަސައްކަތް ކުރުންކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ބޮޑު ބިލެއް އެކުލަވައިލާއިރު، މަޝްވަރާއާއި ދިރާސާ މުހިންމު ކަމަށް ވިދާޅުވިއެެވެ. އަދި ޚިޔާލު ހޯދަންވާނީ ބިލު ޑްރާފްޓުކޮށް ނިންމައިފައި ނޫންކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.