ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޑަބްލިއުޑީސީތަކަށް ދޭ ފައިސާ ދެގުނަކޮށް، ބޮޑެތި ރަށްތަކަށް ދޭ ބްލޮކްގްރާންޓު ބޮޑުކުރަނީ

ނާއިފް ހަލީމް
 
12 ގަޑިއިރު ކުރިން

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ރަށްރަށުގެ ކޮމިޓީތަކަށް ރަށްރަށުގެ ކައުންސިލްތަކުން ދޭ ބަޖެޓު ދެ ގުނަ ބޮޑުކުރަށާއި، ބޮޑެތި ރަށްތަކަށް ލިބޭ ބްލޮކްގްރާންޓު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

"އެކްސް"ގައި ރައީސް މިރޭ ލިޔުއްވާފައިވާ ގޮތުގައި، ބަދަލު ގެނައުމަށް ސަރުކާރުން ނިންމީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށް ޓަކައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައިވާ ގޮތުން، ސަރުކާރުން ނިންމާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކުރުމުގެ އިތުރުން، އެ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތްތައް ކޮމިޓީތަކުގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބަޖެޓުން ދޭ ގޮތަށް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ބްލޮކްގްރާންޓް ދިނުމުގެ އުސޫލާ ގުޅޭގޮތުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު އުސޫލު ހަދައިފައި އޮތް ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކްގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ.

ނަމަވެސް އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ ބްލޮކް ގްރާންޓު ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ މިހާރު އޮތް ގޮތުން އެފަދަ ކައުންސިލުތަކަށް ގެއްލުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެކަމަށް ރިއާޔަތްކުރައްވައި، ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާއެކު ހުށަހަޅަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް މިހާރު ދޫކުރާ ބްލޮކްގްރާންޓު ކުޑަވުމުގެ ޝަކުވާ ވަރަށް ގިނަ ކައުންސިލުތަކުން ކުރެއެވެ. އެއިން މުސާރައާއި އެ ނޫން މުނިސިޕަލް ޚިދުމަތްތަކަށް ހޭދަކުރުމަށްފަހު ފައިދާވާ ފަދަ މަސައްކަތެއް ކުރަން ފައިސާ ނުހުންނަ ކަމަށް ގިނަ ރަށު ކައުންސިލްތަކުން ބުނެއެވެ.

އެހެންވެ ކައުންސިލްތަކަށް ދައުލަތުން ދޭ ބްލޮކް ގްރާންޓު ބޮޑުކޮށްދިނުމަށް ގިނަ ކައުންސިލްތަކަކުން އަބަދު ވެސް އެދެއެވެ. މި ބަދަލުތައް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުށަހެޅުމުގެ ކުރިން ސަރުކާރުން ގެންނާނެ ކަމަށް، އެމަނިކުފާނު ލިޔުއްވާފައިވެއެވެ.