ޔުނެސްކޯގެ ބަޔޯސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ބ. އަތޮޅުގެ ހަނިފަރު ބޭ މިހާރު އޮތް ގޮތަށް ދެމެހެއްޓުމަކީ އެ އަތޮޅުގެ ދޮންފަނު ރައްޔިތުންނަށް މާލީ ގޮތުން މާ ފައިދާހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
"އެކްސް" މެދުވެރިކޮށް ހިއްސާކުރެއްވި ޚިޔާލުފުޅުގައި، ސަރުކާރުން ރާވާފައިވާ ބިން ހިއްކުމުގެ މަޝްރޫޢުއަށްވުރެ، މިހާރު އޮތްގޮތަށް ބޭއްވުމުން ލިބޭނެ އާމްދަނީ މާ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.
https://x.com/mohamednasheed/status/1964627098246803463?s=46
ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ހަނިފަރު ބޭއަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުންތައް އުޅޭ، ފަތުރުވެރިންގެ މެދުގައި ޝަޢުޤުވެރިކަން ބޮޑު ސަރަހައްދެކެވެ. އެހެންނަމަވެސް، ބިން ހިއްކުމުގެ މަޝްރޫޢު އަލުން މުރާޖަޢާކުރުމަށް އެ މަނިކުފާނު ވަކި ގޮވާލައްވާފައެއް ނުވެއެވެ.
އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގައި 13 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ ފާއިތުވި މަހުގެ 13 ވަނަ ދުވަހު، ރައީސް މުޢިއްޒުގެ ރަސްމީ ދަތުރުފުޅެއްގައެވެ. މި މަޝްރޫޢުއާ ގުޅިގެން ތިމާވެށީގެ ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހަނިފަރު ބޭއަށް ލިބިދާނެ ގެއްލުންތަކާމެދު އިންޒާރުދީފައެވެ. މި މައްސަލައިގައި މިހާތަނަށް 5,000 އަށްވުރެ ގިނަ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.