އައްޑޫ ސިޓީގެ ހިތަދޫގައި އޮންނަ ފިށިމަތި ސަރަހައްދު ނުހިއްކައި، އެތަން ނުބެހެއްޓުމަށް އެއްވެސް ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން އެ ސަރަހައްދު ހިއްކައިގެން ހިތަދޫގެ މަގު ހެދުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
އެ މަޝްރޫއު ހުއްޓާލުމަށް އެދި، އައްޑޫގައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ޖަމްއިއްޔާއަކުން ވަނީ މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނަށް ސިޓީއެއް ވެސް އަރުވާފަ އެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ، ހިތަދޫގެ ތެރެއަށް ވަދެފައި އޮންނަ ފިށިމަތި ސަރަހައްދަކީ ކުދި މަސް، ކަކުނި، އަދި ޑިނގާ ފަދަ ދިރުންތަކުގެ ނާސަރީއެއް ކަމަށެވެ. އެހެންކަމުން، "މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް،" ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވެށި ހަލާކުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކުމަކީ ވެސް ގޯހެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒުއަށް އައްޑޫން އެރުވި ސިޓީގައި ބުނެފައިވާ ގޮތުގައި، ފިށިމަތި ސަރަހައްދަކީ އައްޑޫ ނޭޗާ ޕާކާ ވަރަށް ކައިރީގައި އޮންނަ، އެ ސަރަހައްދުގެ "ބަފާ ޒޯނެއް" ގެ ގޮތުގައި ބެލެވޭ ތަނެއް ކަމަށްވާތީ، އެ ސަރަހައްދުގެ ރައްޔިތުން ވެސް އެތަން ހިއްކުމާ ދެކޮޅު ހަދަ އެވެ.