ކުރީގެ ރައީސް މުހައްމަދު ނަޝީދު

ތިބެންވީ އީރާނުގެ ރައްޔިތުންނާއި އެކު، ސަރުކާރަކާއި އެކު ނޫން: ނަޝީދު

މުހައްމަދު ހަމީޒް
 
4 ދުވަސް ކުރިން

އީރާނުގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައު އާއި މުސްލިމުން ތިބެންވާނީ އެ ގައުމުގެ ރައްޔިތުންނާ އެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދާ އިހުތިޖާޖުތަކަކީ އަބުރުވެރި ދިރިއުޅުމަކަށާއި، އިންތިހާއަށް އުފުލިފައިވާ ތަކެތީގެ އަގުތަކުން ސަލާމަތްވުމަށާއި، އެތައް އަހަރެއްގެ މުއްދަތަށް ދެމިގެންގޮސްފައިވާ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ މުސްލިމް އުޚުތުންނާއި އަޚުން. މުސްލިމުންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައު ތިބެންވާނީ އީރާނުގެ ރައްޔިތުންނާ އެކު،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި އީރާނުގެ ސަރުކާރު ނުވަތަ ރެޖީމް ހިމާޔަތްކުރުމުގެ ބަދަލުގައި އިސްކަންދޭންވީ ރައްޔިތުންގެ ހައްގުތަކަށެވެ.

އީރާނުގެ އެކި ސިޓީތަކުގައި ރައްޔިތުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މީގެ ތެރޭގައި އިގްތިސާދީ ދަތިތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް ހިމެނެއެވެ. ރައީސް ނަޝީދުގެ މި ގޮވާލުމަކީ އީރާނުގެ ރައްޔިތުންގެ މިނިވަންކަމަށް ބާރުދިނުމުގެ ގޮތުން ކުރެއްވި އިލްތިމާސެކެވެ.