އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ކުރިމަތިނުލައްވައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަސަތު ދެއްވުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހަރާބުވީ ސޯލިހްގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެްެވެ.
ނަޝީދު މި ވާހަކަ ދެއްކެވީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވައި އެ ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. ސޯލިހާ ވާދަކޮށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވި ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ޕާޓީއަށް ލިބުނު ނާކާމިޔާބީގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހުރި ކަމަށެވެ.
ނަޝީދުގެ މެސެޖްގައި އެ މަނިކުފާނު ފުރަތަމަ ވިދާޅުވީ، ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު 2023 އާއި މަޖިލިސް އިންތިހާބު 2024 ގެއްލުނު ގޮތް ސާފުކޮށްދެއްވާފައިވާތީ އޭނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އެއަށް ފަހު އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު "ކުރިމަތިނުލައި ރައީސް ސޯލިހަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރިން" ކަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ސޯލިހްގެ ބައެއް އަރިސް ބޭފުޅުންނާއި ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އެމަނިކުފާނު ނުލައި ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ދެކެވިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، "ރައީސް ސޯލިހްގެ ބައެއް އަރިސް ބޭފުޅުން އަދި ރައީސް ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މާ ބޮޑަށް ދެކެވި، މުޅިކަން ހަރާބުވީ،" އެވެ. ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުވި ނަމަވެސް، ނަޝީދު އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ތާއީދެއް ނުކުރެއްވި އެވެ. އޭގެ ބަދަލުގައި ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހެއްދެވުމަށް ފަހު، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުނެވެ. ސޯލިހަށް ދެވަނަ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު ސަބަބަކަށްވީ، ނަޝީދުގެ ތާއީދު ނުލިބި އެމްޑީޕީ ދެފަޅިވުމެވެ. ނަމަވެސް ނަޝީދު މިހާރު އަނެއްކާވެސް އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވެއެވެ.
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ނަޝީދާއި ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑު ހައްލުކުރަން ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން ހިމަނުއްވާފައި ވެއެވެ. އޭނާ ވިދާޅުވީ، ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން އެ މަނިކުފާނުގެ ޓީމާ އެކު ބައްދަލުވުންތައް ބޭއްވި ކަމަށާއި، އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރެއްވުމަށާއި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާ އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވުނު ކަމަށް ފައްޔާޒު ވިދާޅުވެފައި ވެއެވެ.
ފައްޔާޒުގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، މަޝްވަރާތައް މަޑުޖެހުމަށް ފަހު، ސޯލިހްގެ އެދިވަޑައިގަތުމަށް އަނެއްކާވެސް މަޝްވަރާތައް ފެށި އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާ އެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށް ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. މިކަމުން ދައްކުވައިދެނީ، ނަޝީދު ވިދާޅުވި ފަދައިން، ސޯލިހަށް ފުރުސަތު ދެއްވުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވުމުގައި ސޯލިހްގެ ފަރާތުން ހުރި ދަތިތަކެވެ.