މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކޮރަޕްޝަންގެ މައްސަލަތައް ބަހުސްކޮށް، އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހާމަކުރައްވައިފި އެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވާގޮތުން، މި ދަނޑިވަޅަކީ ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ، ސިޔާސީ ފަރާތްތަކަށް އެފަދަ ތުހުމަތުތަކުގައި ހުކުމްކުރެވެމުންދާ ވަގުތެއް ކަމަށްވެފައި، މި ކޮންފަރެންސް ބޭއްވޭނެ ތަނާއި، ތާރީހާއި، އެޖެންޑާގެ އިތުރުން ބައިވެރިވުމަށް ރަޖިސްޓަރީ ކުރާނެ ގޮތުގެ މައުލޫމާތު އަންނަ ހަފުތާގައި ހާމަކުރެވޭނެ އެވެ.
މި ކޮންފަރެންސްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަދި ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމާއި، އިކޮނޮމިކް މިނިސްޓަރުގެ މަގާމު ފުރުއްވި މަހުމޫދު ރާޒީގެ އެހީތެރިކަމާއި ބައިވެރިވުން ލިބިވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ހާމަކުރި
"މިއީ އާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ހަރަކާތެއްގެ ފެށުމެވެ،" ނަޝީދުގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އިދާރާއިން މަޢުލޫމާތު ދިންގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުގައި ސިސްޓަމެޓިކް ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ޤާނޫނީ މާހިރުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި، މީޑިއާގެ ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މޮނިޓަރުން ބައިވެރިވާނެއެވެ.
https://x.com/MohamedNasheed/status/1972672856002531460
ދައުލަތުގެ އިދާރާތަކާއި ސިޔާސީ ފަރާތްތަކުން ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މިފަދަ ޢަމަލުތައް މަދުކުރެވޭނެ ކަމަށް ނަޝީދުގެ އޮފީހުން އިތުރަށް ހާމަކުރިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ ވައްކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ދިވެހިންގެ ކިބައިން ފުރުސަތުތަކާއި، އަބުރާއި، އިއްޒަތާއި އިންސާފު ފޭރިގަނެވޭ ކަމެއްކަމުގައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ޤާއިމުކުރުމާއި، ޕަބްލިކް އޮފިޝަލުންގެ ކިބައިން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމެވެ.
ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމާއެކު، ގާނޫނީ އިސްލާހުތަކާއި، ދެފުށް ފެންނަ އިޖުރާއަތްތަކާއި އުސޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭ އިސްތިރާޖީ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށެއެވެ.
"އެ އާދަކާދަ ބަދަލުކުރާން ބޭނުންވާ ބައިނަލްއަގްވާމީ އަދި އެތެރޭގެ އެހީ އާއި ހަރަކާތްތެރިކަމަށް ވެސް މި ކޮންފަރެންސް މެދުވެރިކޮށް ކަން ފަހި ކުރެވޭނެ އެވެ،" ބަޔާނުގައި ވެ އެވެ.