ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ މަތިކުރުމުން ވަގު ވިޔަފާރި އިތުރުވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެކަން އެހެން ގައުމުތަކުގެ ތަޖުރިބާއިން ވެސް ސާބިތުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓް ކުރައްވާފައިވަނީ ރާއްޖެއަށް ވަގަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ޑިޕާޓްމަންޓް އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން ވަނީ 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، އެކި އުޅަނދުފަހަރާއި ތަންތަން ބަލައި ފާސްކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ސިނގިރޭޓަކަށް 8 ރުފިޔާއަށް އިތުރުކޮށްފައެވެ.