ޔާމީން/ ފޮޓޯ: ސަން އޮންލައިން

ދަރަނި ދައްކައި ނުނިމެނީސް ބަޖެޓު އަރަނިވީއޭ ބުނުން ހަމަނުޖެހޭ: ޔާމީން

ނާއިފް ހަލީމް
 
14 ދުވަސް ކުރިން

ވޭތުވެދިޔަ ހަތް މަހު ދައުލަތުގެ ބަޖެޓު އަރަނިވެފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ހެދީ ދޮގު ކަމަށާއިި، ސަރުކާރުން ދައްކަން ޖެހޭ ދަރަނި ދައްކައި ނުނިމެނީސް ބަޖެޓު އަރަނިވި ވާހަކަ ބުނުން ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްގެ އޮފީހުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އުފެއްދުންތެރިކަމުގެ ނިސްބަތުން މިސާލަކަށް ރާއްޖެއަށް 25 ބިލިއަން ރުފިޔާ ލިބޭއިރު، ދަރަނި ދައްކަން އެއަށް ވުރެ އިތުރަށް ޚަރަދުކުރާ ކަމަށް ވަންޏާ ދުވަހަކު ވެސް ރާއްޖެއަށް ދަރަނިން އަރައިނުގަނެވޭނެ ކަމަށެވެ. 

އެއާއެކު، ޔާމީން ވިދާޅުވީ، ދަރަނީގެ މައްސަލައަށް ފުރިހަމައަށް އެޑްރެސްކުރެވޭ މަންޒަރު އަދި ނުފެންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުންދާ ކަމަށް ދެއްކުމަށްޓަކައި، ސަރުކާރުން ދައްކަން ޖެހޭ ދަރަނި އަދި ދައްކައި ނުނިމެނީސް ދައުލަތުގެ ބަޖެޓު އަރަނިވި ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ހެދީ ދޮގެކެވެ.

ސަރުކާރުން ބަޖެޓު އަރަނިވިކަން ފާހަގަކުރާ މައިގަނޑު ސަބަބަކީ، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މަޝްރޫއުތަކަށް ކުރާ ޚަރަދު ކުޑަވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ޚަރަދު 6.87 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މި އަހަރު އެ އަދަދު ހުރީ 60.8 ޕަސެންޓް ދަށްކޮށް، 2.70 ބިލިއަން ރުފިޔާގައެވެ.