ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭ ސީދާ އައްޑޫން, ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާ ކަމަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.
ރޭ ނެރުނު ބަޔާނެއްގައި މިފްކޯއިން ބުނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އަމާޒެއް ކަމަށެވެ.
އެގޮތުން، އައްޑޫން ގަންނަ މަސް ހުވަދު އަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ފަށަން ރާވާފައިވާ ކަމަށާއި، އެ ސިޓީގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ މަސް ރައްކާކުރާނެ ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ ނެތުމާއި އެކަށީގެންވާ މިންވަރަކަށް މަސް ޕްރޮސެސްކުރެވޭނެ ފެސިލިޓީތައް ރާއްޖޭގައި ނެތުމެވެ.
އެހެންކަމުން ރާއްޖޭން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރެއެވެ. މިފަދައިން ބޭރުކުރާ މަސް އެ ގައުމުތަކުން ޕްރޮސެސްކޮށް ވިއްކައެވެ.