އައްޑޫގައި ކައުންސިލުން ދީފައިހުރި ބިންތަކުގެ މުއާމަލާތް މަޑުޖައްސަން އޭސީސީން އަންގައިފި

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯނުގެ ބިމުން ބޮޑު ބައެއް ބިޑް ކުރުމަކާ ނުލައި އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ މައްސަލަ އޮއްވައި، ކައުންސިލުން ދޫކުރި ބިންތަކުގެ މުއާމަލާތް މަަޑުޖައްސައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

ޖުމްލައަށް އެނގިފައިވާ ގޮތުގައި އޭސީސީން އެފަދައިން އެންގީ މިއަދެވެ.

މި އެންގުން އެންގިއިރު  މީދޫ ޓުއަރިޒަމް ޒޯނުގެ ބިމުން ބޮޑު ބައެއް ބިޑް ކުރުމަކާ ނުލައި އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާނެވެ.

މެންބަރު އަބްދުއްރަހްމާން މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެއްފަރާތަކަށް ދޫކޮށްފައިވަނީ އެތައް ބައެއްގެ ހައްގު އުނިވާގޮތަށް ކަމަށެވެ. އަދި މި މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަކަށް ހުށަހަޅައިގެން ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.