އައްޑޫ ސިޓީ ކައުންސިލް މެމްބަރުން -- ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

އައްޑޫ ސިޓީ ކައުންސިލުން ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަން ނިންމައިފި

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

އައްޑޫ ސިޓީގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބި، ކައުންސިލްގެ ބާރުތައް ނިގުޅައިގަތުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ސަރުކާރާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖުކުރަން ނިންމައިފިއެވެ.

ޖުމްލަ ނޫހަށް އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކައުންސިލް އިން މިއިހުތިޖާޖު ކުރުމަށް ނިންމާފައިވަނީ ސަރުކާރުން އައްޑޫގެ ރައްޔިތުންނާއި މެދު ފަރުވާ ބަހައްޓާފައި ނުވުމުން ކަމަށާއި، ދަތި ހާލު ތަހައްމަލު ކުރުމަށް ރައްޔިތުން ދޫކޮށްފައިވާ ވާތީއެވެ.

މީގެ އިތުރުން ކައުންސިލަށް ޤާނޫނުން ލިބިދީފައިވާ ގިނަ ބާރުތަކެއް މިހާރު ވަނީ ލާމަރުކަޒީ ނިޒާމުން ގެނެވިފައިވާ ބަދަލުތަކާއި އެކު ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެ މަސްދަރުން ހާމަކުރިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ކައުންސިލްތަކުގެ އިޚްތިޞާޞްތަކަށް ގެނެވުނު ބަދަލުތަކާއި، ބަޖެޓް ކަނޑައެޅުމުގެ މިނިވަންކަން ހަނިކުރެވިފައިވާ ކަމަށް ބުނެ އިހުތިޖާޖު ކުރުމުގެ ކުރިން ވެސް މި ކަންކަން ފާހަގަކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިހުތިޖާޖުކުރާނެ ވަކި ދުވަހެއް އަދި އެނގިފައެއްނުވެއެވެ. ނަމަވެސް މި ހަފްތާގެ ތެރޭގައި މާލެގައި އިހުތިޖާޖުކުރާނެކަން ޖުމްލްއަށަ ވަނީ ކަށަވަރުވެފައެވެ.

އައްޑޫ ސިޓީގެ މޭޔަރ، އަލީ ނިޒާރު އާއި ބައެއް ކައުންސިލް މެމްބަރުން އަދި ކައުންސިލް އިދާރާގެ އެސްޖީ ހިމެނޭ ޓީމެއް ދަނީ ރަސްމީ ދަތުރެއްގައި މާލޭގެ އެކި ވުޒާރާތަކާއި އެކު ބައްދަލުކުރައްވަމުންނެނެވެ. މިބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ކައުންސިލްގެ ހުރި މައިގަނޑު ކަނބޮޑުވުންތަކާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ތަންތަނާއި މަޝްވަރާކުރުމެވެ.

މީގެ އިތުރުން ފާހަގަ ކޮށްލަންޖެހޭ ކަމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ކަރަންޓުގެ ޚިދުމަތް ލިބިގަތުމުގައި ހުރި ގޮންޖެހުންތަކަކީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ނިކަމެތިކަމެވެ. އަދި އައްޑޫގެ ލިންކް ރޯޑު ރައްޔިތުންނަށް ބޭނުންނުކުރެވޭ ވަރަށް ވުރެ ހަލާކުވެފައި ވުމަކީ ރައްޔިތުންގެ އެހާމެ ޝަކުވާއާއި ނުރުހުން ކައުންސިލަށް އަމާޒުވާ ކަމަކެވެ. އައްޑޫގައި ކުނި މެނޭޖް ނުކުރެވޭ ކަމާއި ފެނާއި ނަރުދަމާ ނިޒާމުގެ ހުރި ދަތިތަކާއި، އިޤްތިސޯދީ މަންފާ ލިބޭނެ އެތައް މަގުތަކެއް ފަހިކުރެވެން ހުރި ނަމަވެސް މިކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބުމަކީ ކައުންސިލް އިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަންކަމެވެ.