ފިނޭންސް މިނިސްޓަރު ޒަމީރު-- ފޮޓަޯ: ރައިސް އޮފީސް

މި އަހަރުގެ މިހާތަނަށް ތިން ލޯނަކަށް 81.3 މިލިއަން ޑޮލަރު ނަގައިފި

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

މި އަހަރުގެ މިހާތަނަށް ތިން ލޯނަކަށް 81.3 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ސަރުކާރުން ނަގައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ލޯނު ނެގީ، އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ދެ ލޯނަކާއި ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓުން އެއް ލޯނެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ނެގީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ޕްރޮޖެކްޓަކަށް ބޭނުންވާ ދެ ލޯނެވެ. އެ ދެ ލޯނުގެ އަދަދު 64 މިލިއަން ޑޮލަރު (992 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ދެ ލޯނުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 27 ގަ އެވެ.

އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ދެ ލޯނުގެ އިތުރުން ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ހިމެނެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް ނެގި ލޯނެކެވެ. އެ ލޯނު ނެގީ އޭފްރީލް 14 ގަ އެވެ.

މި އަހަރަށް ބޭނުންވާ ބަޖެޓު ފައިނޭންސިން އަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެންވެ މިހާތަނަށް ލޯނު ހަމަޖެހުނީ ބަޖެޓަށް ބޭނުންވާ އަދަދުގެ 13 ޕަސެންޓެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ. މިދިޔަ އަހަރު އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އެ އިދާރާ މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ.