ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ކައުންސިލުން ބިން ދޫކުރާއިރު، އެ ބިމަކުން ފައިސާ ހޯދުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވެފައިވަނީ، އއ. ރަސްދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ކައުންސިލާއި ބައްދަލުކޮށް، ރަށުގައި އާ މިސްކިތެއް އެޅުމަށް ބިމެއް ހަމަޖެހުމާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތް އެޅުމަށް އެދުމުން، ރަސްދޫ ކައުންސިލުން ހުށަހެޅި ބިމުގައި އިމާރާތެއް ހުރުމާއެކު، އެ ބިން ދޫކުރުމަށް ވަރަށް މަތީ އަގެއް ކައުންސިލުން ކަނޑައެޅިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާތަނަށް އެއްވެސް ރަށެއްގައި މިސްކިތެއް އެޅުމަށް އަގު ނަގައިގެން ބިމެއް ދީފައެއް ނުވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، އަސާސީ ޚިދުމަތްތަކަށް ދޫކުރެވޭ ބިންތަކުން ކުލި ނެގުން މަނާކުރެވިފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ މިސްކިތް އެޅުމަށް އެހެން ބިމެއް ނަމަވެސް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ބިން ހަމަޖެހުމާއެކު މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރަށް ތިބިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާހު ކުރެވުނު ގާނޫނުގައިވާ ގޮތުން، ކައުންސިލްތަކަށް ލިބޭ އާމްދަނީން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި، އާންމު ޚިދުމަތްތަކަށް ނުދައްކާ ހުރި ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދު ކައުންސިލްތަކަށް ދޫކުރެވޭނެއެވެ. މި އިސްލާހަށް ޢަމަލުކުރުމަށް އެލްޖީއޭއިން ވަނީ ހުރިހާ ކައުންސިލްތަކަކަށް އަންގަވާފައެވެ.