އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހިމެނުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މި ކަން އެ މަނިކުފާނު އިޢުލާންކުރެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މާފަރު ފަޅުގައި ދޯނިފަހަރު އެހެލުމުގެ ސަރަޙައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށޤވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުންދާ ފެރިދޫގެ މުސްތަޤުބަލަށް މި ފަޅަކީ އާމްދަނީ ލިބޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ފެރިދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އެއީ ޞިއްޙީ މަރުކަޒު އިތުރަށް ފުޅާކުރުމުގެ މަޝްރޫޢާއި، އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލެއް އެޅުމާއި އެހެނިހެން ޢުމްރާނީ މަސައްކަތްތައް ކުރުމުގެ އެއްބަސްވުންތަކެވެ.
އެގޮތުން މިރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުން މަނިކުފާނު ވިދާޅުވެފައިވަނީ ސްކޫލުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި، އިމާރާތްތަކުގެ މަސައްކަތް ލަސްވެގެން ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަޤީކަން ދެއްވާކަމުގައެވެ. އަދި އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށަކީ ފެރިދޫ ކަމުގައިވާއިރު، ޞިއްޙީ ޚިދުމަތްތައްވެސް ހަރުދަނާކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢާއި، ނެރުގެ މައްސަލަ ޙައްލުކުރުމުގެ އިތުރުން، ފުޓުބޯޅަ ދަނޑާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަދި އައުޓްޑޯ ޖިމްގެ މަސައްކަތްތައް ނިންމުމަށް ރޭވިފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
އަދި މިސްކިތުގެ ބިމާމެދު ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އަލުން ވޯޓުލުމަށްފަހު މަސައްކަތް ފެށޭނެ ކަމަށާއި، ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ މަސައްކަތްވެސް އަވަސް މުސްތަގުބަލެއްގައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށިފައިވާކަމަށާއި، ވަގުތީ ގޮތުން ތިން ފުލުހުން މި ހަފުތާގައި ރަށަށް ފޮނުވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.