ހުޅުމާލޭގައި ބޭނުން ނުކޮށް އޮތް ސިޓީ ހޮޓަލެއް، މީޑިއާ ވިލެޖާއި އެހެނިހެން ތަޢުލީމީ މަރުކަޒުތައް ހިމެނޭގޮތަށް ފަސްތަރީގެ ހޮޓަލަކަށް ބަދަލުކުރުމަށް، ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ބޭރުގެ އިންވެސްޓްމަންޓް ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިރޭ ހަވާލުކުރެވިއްޖެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހޮޓަލުގެ އަގުގެ ގޮތުގައި 11 މިލިއަން އެމެރިކާ ޑޮލަރު އަދި އަހަރަކު ބިމު ކުއްޔަށް 14.4 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭނެއެވެ.
'މެންހަޓަން ގްރޭންޑް' ގެ ނަމުގައި ތަރައްޤީކުރެވޭ މި ހޮޓަލުގައި 158 ކޮޓަރީގެ އިތުރުން، ބެންކުއެޓް ހޯލް، މަލްޓިޕާޕަސް ހޯލް، ކޮންފަރެންސް ހޯލްތަކާއި ސްވިމިންގ ޕޫލެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ހަތަރު ކެއުމުގެ ޚިދުމަތްދޭ ބްރޭންޑަކާއި، ޖިމް އަދި ސްޕާގެ ޚިދުމަތްތައް ވެސް ލިބޭހެން މިތަން ހެދުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރެއިން ހަތަރު ވަޢުދެއް ފުއްދުމަށް ހޮޓަލުގެ ތިން ފަންގިފިލާއާއި އިތުރު ފަންގިފިލާއެއްގެ ބައެއް ހާއްސަކުރެވޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަންގިފިލާތަކުގައި ފަންގިފިލާތަކުގައި ތަރިކަ ކޮލެޖާއި، މެޑިކަލް ކޮލެޖާއި، މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރު ގާއިމުކުރާނެއެވެ. އަދި ކުރިއަށް ފަސް މަހުގެ ތެރޭ މި ސަރުކާރުގެ ބޭނުމަށް ތަރައްގީކުރާ މި ފަންގިފިލާތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެއެވެ.
ޖުމްލަ ގޮތެއްގައި މި މަޝްރޫޢު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކުރެވިފައެވެ.