ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ޗައިނާ ހާބަރ އިންޖިނިއަރިންގ އާ ހަވާލުކުރެވުނު ސަރަހައްދު ހިއްކުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދަން ފަށައިފިއެވެ.
މި މަސައްކަތް ކުންފުނިއާއި ހަވާލުކުރެވުނީ އޮގަސްޓް 2 ވަނަ ދުވަހުއެވެ. މަސައްކަތަށް ބޭނުންކުރާނީ 21،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި "ޖުން ޔަންގް" ނަމަކަށް ކިޔާ ތްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމަށްވާއިރު، މިއީ މީގެ ކުރިން ބޭނުންކުރި ޑްރެޖަރަށްވުރެ ދެ ގުނަ ބޮޑު އުޅަނދެއްކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މުޅި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައެޅިފައިވާ 1009 ހެކްޓަރުގެ ތެރެއިން މިހާތަނަށް ހިއްކިފައިވަނީ 129.60 ހެކްޓަރެވެ. އެއީ 12.84 އިންސައްތައެވެ.
މި ސަރަހައްދުން 21،641 މުރަކަ ނަގައި، ބެންހާފަރު، ކ.މަނިޔަފުށި އަދި އެހެނިހެން ރިސޯޓުތަކުގައި އަލުން އާލާކުރުމަށްވަނީ ހަމަޖެހިފައެވެ. ރަސްމާލެ ސައިޓް ޖޭގައި 29 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. މޯހަން މުތާ ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރެވުނު 394 ހެކްޓަރުގެ ތެރެއިން 100.60 ހެކްޓަރު ވަނީ ހިއްކިފައެވެ.
ހުޅުމާލެއާ އަޅާބަލާއިރު ރަސްމާލެ ހިއްކަނީ އުސްކޮށެވެ. ހުޅުމާލެ ހިއްކާފައިވަނީ ކަނޑުގެ ލެވެލްއަށްވުރެ 2 މީޓަރު އުސްކޮށް ނަމަވެސް، ރަސްމާލެ ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. މި މަޝްރޫޢަކީ މިހާރުގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ. މިމަޝްރޫއުގެ ދަށުން 1200 ހެކްޓަރު ހިއްކައި، 11900 އަށްވުރެ ގިނަ ގޯތި އަދި 26000 ފްލެޓް ދޫކުރުމަށް ވަނީ ރޭވިފައެވެ.