ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށްޓަކައި ސްޕޯޓްސް މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީރުމާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއެވެ.
މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައު އައުޓްޑޯ ޖިމްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްތަކާއި، މިހާރު ހުރި ޖިމްތަކުގެ މަރާމާތުގެ މަސައްކަތްތަކެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ، ނެޝަނަލް ފިޓްނަސް ޕްލޭންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަށް ހިންގޭ މަޝްރޫއުގެ ބައެކެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެހީތެރިވުމާއެކު، ކުރިއަށް އޮތްތަނުގައި ވެސް މުޖުތަމައުގެ ދުޅަހެޔޮކަމަށް މަންފާކުރާނެ މިފަދަ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ.