ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހި ގުޅުވާލާފައިވާ ޗެނަލް ސަރަހައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި އުޅޭ ތަނަކަށް ވުމާއެކު، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ހުއްޓުވާލުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރަހައްދަކީ ކުޑަކުދިންނާއި މުސްކުޅިން ހިމެނޭ ގޮތަށް ވަރަށް ގިނަ ބަޔަކު މުނިފޫހިފިލުވުމަށް ބޭނުންކުރާ ތަނެކެވެ. އަދި މީގެ އިތުރުން، އެޗްޑީސީން މި ސަރަހައްދުގައި މުރަކައިގެ ދިރުން އާލާކޮށް، އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދެއެވެ.
މޫދަށް އެރޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުރަކަ އާލާކުރުމުގެ މަޝްރޫއަށް ހުރަސްނޭޅޭނެ ގޮތް ހެދުމަށްޓަކައި، ހުކުރު ދުވަހުން ފެށިގެން މި ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެއެވެ. މި ސަރަހައްދުގައި މިހާރު ޖެޓްސްކީ އަދި ބަނާނާ ރައިޑް ފަދަ ވޯޓަރ ސްޕޯޓްސްގެ ޙަރަކާތްތައް ވެސް ހިންގަމުން ގެންދެއެވެ. މީގެ އިތުރުން، އެޗްޑީސީން މިހާރު އެ ސަރަހައްދުގައި ގަސްގަހާގެހި އިންދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެއެވެ.