ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމަށްވާ އެއް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 105،000 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައިކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ވައުދުފުޅަށް އެހީތެރިވުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެޗްޑީސީން މިއަދު މެންދުރުފަހު "ފެހި މަންޒަރު" ގެ ނަމުގައި އިފްތިތާހުކުރި ބޯޑަކީ މި ޕްރޮގްރާމްގެ ދަށުން އިންދާފައިވާ ގަސްތަކުގެ އަދަދު ދައްކުވައިދޭ ބޯޑެކެވެ. މި ބޯޑުން ފެންނަނީ ތިމާވެށި ރައްކާތެރިކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތާއި، ރައީސްގެ ވައުދުފުޅު ޙާޞިލްކުރުމަށް އެ ކުންފުނިން ދެމުންދާ އެއްބާރުލުމެވެ.
މި މަޝްރޫޢު ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ރައީސް މުއިއްޒު މި ޕްރޮގްރާމް ހިންގުމަށް އިޢުލާނުކުރެއްވީ 2023 ވަނަ އަހަރު ޔޫއޭއީގައި ބޭއްވުނު ކޮޕް-28 ސަމިޓުގައެވެ. އެޗްޑީސީން ބުނާގޮތުގައި މި ބޯޑު ބެހެއްޓުމުގެ މައިގަނޑު މަޤްޞަދަކީ އެއް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑިއަށް ވާޞިލްވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ރައްޔިތުންނަށް ދެއްކުމެވެ.