އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލުކުރުމަށް، އެރަށުގެ ރައްޔިތުން އެދޭ ގޮތުގެ މަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފިއެވެ.
މިކަން އެމަނިކުފާނު އިއުލާންކުރެއްވީ އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ދިގުރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ރަށުގެ މިހާރުގެ ލޭންޑް ޔޫޒް ޕްލޭނާއި ގޯތި ދޫކުރުމުގެ އުސޫލުތައް އެކަށީގެންވާ ވަރަށް ފުރިހަމައެއް ނޫނެވެ. އިތުރު 50 ގޯތި ދޫކުރެވޭނެ ގޮތަށް އައު ލޭންޑް ޔޫޒް ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށާއި، ހައުސިންގ މިނިސްޓްރީން އިންސާފުވެރި އުސޫލުތަކެއް ކައުންސިލާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އުސޫލުތައް ރައްޔިތުންނާ ހިއްސާކޮށް، އެބޭފުޅުންގެ ޚިޔާލާއެކު ފައިނަލްކުރުމަށް ކައުންސިލަށް އިރުޝާދު ދެއްވިއެވެ.
ދިގުރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި، އަންނަ އަހަރުގެ ބަޖެޓުން ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް އެޅުމާއި، ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން، ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢާއި އައު ސްކޫލް އިމާރާތުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކުރެވިފައިވެއެވެ. އަދި މި ދަތުރުފުޅުގައި ޕޮލިސް ޕޯސްޓާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ އިތުރުން، ދަނގެތީ ޞިއްޙީ މަރުކަޒުގެ އޮފީސް އިމާރާތްވެސް ހުޅުވިފައިވެއެވެ.