ރާއްޖޭގެ އެކި ރަށްރަށުގައި މަޑުޖެހިފައިވާ ނަރުދަމާގެ މަޝްރޫޢުތައް އަލުން ފެށުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ އއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ފެންފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ފެންފުށީގެ ނަރުދަމާގެ މަޝްރޫޢު ހުއްޓިފައިވާ މައްސަލައަކީ ގިނަ ރަށްތަކަކުން ދިމާވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި، މި މަސައްކަތްތައް އަލުން ފެށުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރި ނަމަވެސް، ކޮންޓްރެކްޓަރު އެކަން ނުކުރުމުން، އެއްބަސްވުން ބާޠިލުކޮށް އެހެން ގޮތަކަށް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފެންފުށީގެ ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
މީގެއިތުރުން، ފެންފުށީގައި ހުއްޓިފައިވާ ސްކޫލް އިމާރާތުގެ މަސައްކަތް އަލުން ފަށައި، ކުރިއަށް އޮތް ދިރާސީ އަހަރަށް ބޭނުންކުރެވޭ ފެންވަރަށް ނިންމާނެކަމަށްވެސް ވިދާޅުވިއެވެ.
މިދުވަހުގެ ބައްދަލުވުމުގައި، ފެންފުށީގެ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ސިއްޙީ މަރުކަޒު، ފުލުހުންގެ މަރުކަޒު، ކުނި މެނޭޖްކުރާ މަރުކަޒު، ފުޓުބޯޅަ ދަނޑުގެ ޓްރެކް އަދި ވޮލީކޯޓުގެ މަސައްކަތްތައް ފެށިގެންދިޔައެވެ. އަދި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތްވެސް ތަޢާރަފުކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި މަޝްރޫޢުތަކުގެ ތެރޭގައި އެއްގަމުތޮށީގެ މަސައްކަތްވެސް ހިމެނޭނެ ކަމަށާއި، މިސްކިތުގެ މަޝްރޫޢުގައި ހިނަވާގެއެއްވެސް ހިމެނޭނެ ކަމަށެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާނީ މިހާރުގެ މަރުކަޒުގެ ހުރިހާ ޚިދުމަތްތަކެއް އެތަނަށް ބަދަލުކުރެވޭގޮތަށް ކަމަށް ވިދާޅުވިއެވެ.
މި ހުރިހާ މަސައްކަތްތަކެއްވެސް ސަރުކާރުން ފައްޓަވާފައިވަނީ އިސްކަންދީގެން، އަވަސް ސްޕީޑެއްގައި ނިންމުމުގެ މަޤްޞަދުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.